ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކުރަނގި" ގައި 1400 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. މި އޮޕަރޭޝަނުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވިއެވެ.
ދާޚިލީ ވުޒާރާއިން ބުނާ ގޮތުގައި މިއަދުގެ އޮޕަރޭޝަންގައި ޖުމްލަ 1455 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުގައި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުން 697 ބިދޭސީއެއްގެ މަޢުލޫމާތު ހިމެނެއެވެ. އަދި ގުޅިފަޅު ބްރިޖް ސައިޓުން އެފްކޮންސްގެ 758 ބިދޭސީއެއްގެ މަޢުލޫމާތުވެސް ނަގާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި އޮޕަރޭޝަންގައި މަޢުލޫމާތު އެއްކުރި ބިދޭސީންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭކަމަށް ބެލެވޭ އެއްވެސް ބިދޭސީއަކު ދެނެގަނެވިފައިނުވާކަމަށް ދާޚިލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ހިއުމަން ޓްރެފިކިންގ ސްކްރީނިންގވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
"އޮޕަރޭޝަން ކުރަނގި" އަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 25,483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

