މާލޭގެ އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިއްޔެ ރޭ 8:30 ހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގިކަމަށް ފުލުހުންނަށް ރިޕޯޓް ކުރެވުނެވެ. މި މާރާމާރީގެ މަންޒަރު ރެކޯޑު ކުރަން އުޅުނު ދިވެއްސަކާ ދިމާލަށްވެސް އެ ބިދޭސީން އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވި ގޮތުގައި، މި ތިން ބިދޭސީން ވަނީ ފުލުހުންގެ ފަރާތުން އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި މިހާރު އެ ތިން މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.
ކޮންމެ ހުކުރު ދުވަހަކީ މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން އެކި ސަރަހައްދުތަކަށް ޖަމާޢަތް ހަދައިގެން އެއްވާ ދުވަހެކެވެ.

