ދަރިން ނަމާދަށް ހޭލުވުމަކީ ގިނަ މައިންބަފައިންނަށް ދިމާވާ ގޮންޖެހުމެކެވެ. ނަމަވެސް މިކަމުގައި ކެތްތެރިކަމާއި މަޑުމައިތިރިކަން ގެންގުޅެ، ރަނގަޅު އުސޫލުތަކެއް ގެންގުޅޭނަމަ، ކުޑަކުދިން ނަމާދަށް ހޭލުމަށް އަހުލުވެރި ކުރެވިދާނެއެވެ.

ދަރިފުޅު ނަމާދަށް ހޭލުވުމުގައި ގެންގުޅެންވީ ރަނގަޅު އުސޫލުތައް ދެނެގަތުންމުހިންމު/ފޮޓޯ: އައިސްޓޮކް
އޯގާތެރިކަމާއެކު ވިސްނައިދިނުން
ދަރިފުޅު ނަމާދަށް ނުތެދުވާން އުޅޭއިރު، ރުޅިއައިސްގެން ނުވަތަ އަނިޔާވެރިވެގެން ކަންތައް ކުރުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ވާހަކަދައްކައި، ނަމާދުގެ މުހިންމުކަން ވިސްނައިދޭންވާނެއެވެ.
ނަމާދުކުރާ މީހުންނަށް ލިބޭ ދަރުމައާއި ކަށްވަޅުގެ އަޒާބުން ސަލާމަތްވާ ގޮތުގެ ވާހަކަ، ނަމާދުކުރާ މީހާގެ ކަށްވަޅު ތަނަވަސް ކުރައްވައި ނަމާދު ގެ ސަބަބުން މީހާގެ މޫނުމަތީގައި ލައްވާ ނޫރުގެ ވާހަކަ ކިޔައިދީ، އިސްލާމްދީނުގައި ނަމާދުގެ މަޤާމު އޮތް މަތިވެރިކަން ދޭހަ ކޮށްދޭން ވާނެއެވެ.

ދަރިފުޅު ނަމާދަށް ހޭލުވުމުގައި ގެންގުޅެންވީ ރަނގަޅު އުސޫލުތައް ދެނެގަތުންމުހިންމު/ފޮޓޯ: އައިސްޓޮކް
ޢަމަލީގޮތުން އެހީތެރިވުން: ދަރިފުޅު ނަމާދަށް ހޭލުމަށް އެހީތެރިވުމުގެގޮތުން އަޅަންވީ ފިޔަވަޅުތަކުގެ ތެރޭގައި:
- ދަރިފުޅު ނަމާދަށް ނުތެދުވާން އުޅޭއިރު ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ވާހަކަދައްކައި، އޯގާތެރިކަމާއެކު ވިސްނައިދޭންވާނެއެވެ،
- ދަރިފުޅުގެ ހިތަށް އުފާވެރިކަން ގެނެސްދޭފަދަ ތެދު ޚަބަރެއް ދިނުމާއި، ދެތިން މިނެޓަށް ނިދާލަން ދޫކޮށްލުމަކީ ރަނގަޅު ގޮތްތަކެކެވެ.
- ނަމާދުގެ މުހިންމުކަމާއި، ނަމާދުކުރާ މީހުންނަށް ލިބޭ ދަރުމައާއި ކަށްވަޅުގައި ނަމާދުގެ ސަބަބުން ލެއްވޭނެ ނޫރުގެ ވާހަކަ ކިޔައިދިނުން މުހިންމެވެ.
- މަދަރުސާއަށް ދިއުމަށް ހޭލަން ޖެހޭކަމަށް ބުނެ ދަރިފުޅު ހޭލެއްވުމަށްވުރެ ނަމާދަށް ހޭލުން މުހިންމުކަމަށް ބުނެ ހޭލެއްވުމަށްފަހު، ނަމާދާ ބެހޭ އާޔަތްތަކާއި ޙަދީޘްތަކުގެ މާނަ ދޭހަވާގޮތަށް ކިޔައިދިނުން މުހިންމެވެ.
- ނަމާދު ވަގުތުގައި ޖަމާޢަތުގައި ނަމާދުކުރެވޭނެހެން ވަގުތު ބެހެއްޓުމާއެކު، ފަންކާ ކަނޑާލުމާއި، ބޮކި ދިއްލުމާއި، މޫނުގައި ފެން ހޭކުން ފަދަ ކަންކަން ކުރެވިދާނެއެވެ.
- އަދި ނަމާދުގެ މުހިންމުކަމާއި، ނަމާދުކުރާ މީހުންނަށް ލިބޭ ދަރުމައިގެ ވާހަކަ ކިޔައިދިނުމާއެކު، ބަންގީގެ އަޑުން ހޭލެވޭ ސޯނާ ގަޑިއެއް ހޯދައިދިނުން މުހިންމެވެ.
- އަދި ދަރިފުޅު ހޭލުމަށްފަހު އަލުން ނުނިދާކަން ޔަޤީންކުރުމާއެކު، ނަމާދަށް އަވަހަށް ތެދުވާ ކުދިންނަށް އިނާމު ދިނުމަކީވެސް މުހިންމު ކަމެކެވެ.
- ނަމާދަށް ނުތެދުވާ ކުދިންނާމެދު އަދަބުވެރި ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ރުޅިވެރިކަމުން ކުރާ ކަމެއް ނޫންކަން ވިސްނައިދިނުމާއެކު، އިސްލާމްދީނުގައި ދަރިންނަށް އަނިޔާކުރުން މަނާކުރައްވާފައިވާތީ، މިކަމުގައި ފަރުވާތެރިވާންވާނެއެވެ.

ދަރިފުޅު ނަމާދަށް ހޭލުވުމުގައި ގެންގުޅެންވީ ރަނގަޅު އުސޫލުތައް ދެނެގަތުންމުހިންމު/ފޮޓޯ: އައިސްޓޮކް
އާދަކުރުވުމުގެ މުހިންމުކަން
ސައިންސްގެ ދިރާސާތަކުން ދައްކާގޮތުގައި، 21 ދުވަހު މެދުނުކެނޑި އެއްކަމެއް ތަކުރާރުކޮށް ކުރާނަމަ، އެކަމަކަށް އެމީހަކު އަމިއްލައަށް އާދަވެ، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭނެއެވެ. އެހެންކަމުން، މަހެއްހާ ދުވަހު މިގޮތަށް ކެތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ދަރިފުޅު އަމިއްލައަށް ނަމާދަށް ތެދުވާނެ މީހަކަށް ވެގެންދާނެއެވެ.

ދަރިފުޅު ނަމާދަށް ހޭލުވުމުގައި ގެންގުޅެންވީ ރަނގަޅު އުސޫލުތައް ދެނެގަތުންމުހިންމު/ފޮޓޯ: އައިސްޓޮކް
ދަރިފުޅު ނަމާދަށް ހޭލުވުމުގައި އެންމެ މުހިންމީ ކެތްތެރިކަމާއި އޯގާތެރިކަމެވެ. އަދި މިކަމުގައި އަނިޔާވެރިވުމުގެ ބަދަލުގައި، ހެޔޮ ނަސޭހަތާއި ރަނގަޅު އުސޫލުތަކެއް ގެންގުޅުމެވެ. މިގޮތަށް ޢަމަލުކުރުމުން، ދަރިފުޅު އަމިއްލައަށް ނަމާދަށް ތެދުވާ މީހަކަށް ވުމަކީ ދުރުކަމެއް ނޫނެވެ.

