ހުޅުމާލޭގެ އެމްޕީއެލް ޓަވަރާއި ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ޚިދުމަތް ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދޭ ފީޑަރުތަކުގެ ތެރެއިން އެއް ފީޑަރެއް ޓްރިޕްވުމާ ގުޅިގެންނެވެ. މި މައްސަލަ ދިމާވުމާއެކު، ސްޓެލްކޯގެ މުވައްޒަފުން ވަނީ ވަގުތުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަޖައިޒްކޮށް ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގިނަ ސަރަހައްދުތަކަށްވެސް ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ މަޢުލޫމާތު ދީފައެވެ.
ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ މުވައްޒަފުން ކުރަމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މި ހާދިސާއާ ގުޅިގެން ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް ވެސް އެދިފައެވެ.

