ހިލޭ ބަހާ މަސްދަޅުން 40ގ މަސް އުނިކުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށް މިފްކޯ އިން ބުނެފިއެވެ. މިފްކޯ އިން މިހެން ބުނެފައިވަނީ މިއަދު ސޯޝަލް މީޑިއާގައި އެކުންފުނިން ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައެވެ.
މިފްކޯ އިން އެ ޕޯސްޓުގައި ބުނެފައިވަނީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެ ކަމަށާއި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވަނީ، 140g ބާޒާރަށް ނެރުނީ މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ.

މިފްކޯ އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު
ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މިއަހަރު ރޯދަ މަހަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމައި އެ ނިންމުން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގެ ހޯލުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ގޭބިސީތަކަށް މަސްދަޅު ކޭސް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެސްޓީއޯއަށް އަންގަވާފައިވާނެއެވެ. މިއީ ރޯދަ މަހުގައި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެކެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ކޮންމެ ގެއަކަށް ހަނޑު ބަސްތާއަކާއި ފުށް ބަސްތާއެއް އެސްޓީއޯ މެދުވެރިކޮށް ދިންކަން ފާހަގަކޮށްލެވެއެވެ. މިއަހަރު މަސްދަޅު ކޭހެއް ދިނުމަށް ނިންމުމަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ އިތުރު ފިޔަވަޅެކެވެ.

