ތެލެސީމިއާ ކުދިންގެ ތެރެއިން މިދިޔަ އަހަރު ބޯން މެރޯ ހެދުމަށް ފޮނުވި 6 ކުއްޖަކު ބޯން މެރޯ ހެދުމަށްފަހު ރާއްޖެއައިސްފިއެވެ.
ސިއްޙީ ވުޒާރާއިން ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިދިޔަ އަހަރުގެ އެކި ދުވަސް މަތިން ޖުމްލަ 14 ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާނޭ ކަމަށެވެ. އޭގެތެރެއިން 6 ކުއްޖަކު މިހާރު ބޯން މެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހަދައި ނިންމައި ރާއްޖެ އައިސްފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރަށްވެސް، މި ވަގުތު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި 7 ކުއްޖަކު ތިބިކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން 3 ކުއްޖަކު އަންނަ މަހު ރާއްޖެއަށް އަންނާނެ ކަމަށާއި، ބާކީ ތިބި 4 ކުދިންގެ ފަރުވާ ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ބޯން މެރޯ ހަދާ ކުދިންގެ އުމުރުފުރާއަކީ 4 އަހަރުން ފެށިގެން 26 އަހަރާ ދެމެދުގެ ކުދިންކަންވެސް ވަނީ ފާހަގަކޮށްފައެއެވެ.
ނަމަވެސް، މިދިޔަ އަހަރު ބޯން މެރޯ ހެދުމަށް ފޮނުވި 1 ކުއްޖަކު ވަނީ ނިޔާވެފައެވެ. ބޯން މެރޯ ހެދުމަށްފަހު، އާންމުކޮށް ކުދިން 3 މަހާއި 6 މަހުގެ މުއްދަތެއް ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރާކަން ވެސް ސިއްޙީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން ވަނީ ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯން މެރޯ ހެދުމަށް ފޮނުވުމަށް ނިންމާފައެވެ. މި އަހަރު ފޮނުވާނެ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ފުރަތަމަ 5 ކުދިން ވަނީ ބޯން މެރޯ ސްޕެޝަލިސްޓް ރިވިއު ކުރުމަށްފަހު ބޯން މެރޯގެ ކުރިއަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށާފައެވެ.
ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، ބޯން މެރޯ ހެދުމުގެ ލިސްޓުގައި މި ވަގުތު 22 ކުދިން ތިބިކަމަށް ވެއެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި 959 މީހުން ރަޖިސްޓަރީކޮށްފައިވާއިރު، 666 މީހުން މި ވަގުތު ދުނިޔޭގައި ތިބިކަމަށް ވެއެވެ. ރާއްޖޭގެ މުޅި އާބާދީގެ 16.6އިން ސައްތައަކީ ތެލެސީމިއާ ވާރުތަ ކުރާ ގޮތް ހުންނަ މީހުންނެވެ. އަދި ތެލެސީމިއާ މީހުންގެ ދެބައިކުޅ އެއްބައި އާބާދީ ދިރިއުޅެނީ މާލެ ސަރަޙައްދުގައެވެ.

