2024 ވަނަ އަހަރު ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަން ރުފިޔާއަށް ވުރެ މަތީ އަދަދެއް ލިބިއްޖެއެވެ. މި އަދަދަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގައި މުހިންމު މައިލްސްޓޯނެއް ކަމުގައި ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި 2023 ޑިސެމްބަރު 18 ގައި އުފެއްދެވި ދިވެހިރާއްޖޭގެ ޒަކާތު ހައުސް، 2024 ޖަނަވަރީ 2 ގައި ރަސްމީކޮށް ހުޅުވުމާއެކު، ޒަކާތުގެ ނިޒާމަށް އައު ހަރުފަތަކަށް އަރައިގަތެވެ. މި މުއައްސަސާއިން 2024 ވަނަ އަހަރު ތެރޭގައި ޒަކާތާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޒަކާތުގެ ކަންކަމަށް ހުރި ޝައުޤުވެރިކަން ވަނީ އިތުރުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101,939,070.15 ރުފިޔާ (ސަތޭކަ އެއްމިލިޔަން ނުވަލައްކަ ތިރީސް ނުވަހާސް ހަތްދިހަ ރުފިޔާ ފަނަރަ ލާރި) ވަނީ ޖަމާކުރެވިފައެވެ.
މިކަމާ ގުޅިގެން ވުޒާރާއިން ނެރުނު ޚާއްޞަ ބަޔާނުގައި، މުއްސަނދި ފަރާތްތަކުން ޒަކާތުގެ ކަންކަމަށް ދެއްވާ ސަމާލުކަން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ޒަކާތުގެ ފައިސާ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޙައްޤުވެރިންނަށް ބެހެމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީފައިވެއެވެ.

