ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ދައުވާނުކުރާގޮތަށް ހަދާފައިވާ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފިއެވެ.
މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްގެ ދައުރުގައެވެ. އޭރު އެއްބަސްވުން ހެދިފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އިތުރު ތިން މީހަކާއެކުގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައިވަނީ އެ ފަރާތްތަކުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ދެމުން ނުދާތީ ކަމަށެވެ.
އެއްބަސްވުން ނިމުމަކަށް ގެނެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އަޙްމަދު އިޝްފާޙް ޢަލީ، މުޙައްމަދު ޢައްލާމް ލަޠީފް އަދި މުޙައްމަދު ޙުސައިންއެވެ. މީގެ އިތުރުން، ޢަބްދުﷲ ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާކަންވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، ކުރިން ހުއްޓިފައިވާ މައްސަލަތަކުގެ ތަޙުޤީޤު އަލުން ފެށުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައިވާކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. އަދި މި މައްސަލަތައް ވީ އެންމެ އަވަހަކަށް ތަޙުޤީޤުކޮށް ނިންމުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް އަންގާފައިވެއެވެ.

