ރ. އެމަރަލްޑް ރިސޯޓުގައި މަސައްކަތްކުރާ 60 އާ ގާތްކުރާ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އިމިގްރޭޝަނަށް ފިލަން ވެގެން ރ. މަޑުއްވަރީއަށް އެރުމުން އެރަށު ކައުންސިލުން އެމީހުން އައި ރިސޯޓަށް އަނބުރާ ފޮނުވާލައިފިއެވެ.
މަޑުއްވަރީ ކައުންސިލު ރައީސް މުހައްމަދު ސޯދިގު، ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުކޮށް ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ބާޒާރު ކޮށްލުން ފަދަ ކަންކަމުގައި މަޑުއްވަރީއަށް ގޮސްއުޅުނު ނަމަވެސް އެހެންޏާ ރަށުތެރެއިން ނުފެންނަވަރަށް ބިދޭސީން ގިނައިން ފެންނާތީ އެއީ ކޮންބައެއްތޯ ބެލިއިރު އެމީހުންނަކީ ކައިރީގައިއޮތް އެމަރަލްޑް ރިސޯޓުން އައިސް ތިބި ބައެއްކަން އެނގިލެއްވި ކަމަށެވެ. އަދި “ކުރަނގި” އޮޕަރޭޝަންގެ ދަށުން ފުލުހުންނާ ގުޅިގެން އެމީހުންގެ އަތުގައި ޑޮކިއުމެންޓްސް ހަމަޔަށް ހުރިތޯ ބަލާލިއިރު ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ މީހުންކަން ވަނީ ފާހަގަވެފައެވެ.
“އެއީ އެމަރަލްޑް ރިސޯޓުން އައި ބައެއް. އެމީހުންނަށް ކޮންމެވެސް ގޮތަކުން އެނގުނީ އެމަރަލްޑަށް އިމިގްރޭޝަން ވޮޗް އަންނަން އެބައުޅެއޭ، އެހެންހީވެގެން އެކަމާ އަވަހަށް މިރަށަށް އެރީ، ގިނައީ ޑޮކިއުމަންޓްސް ނެތް މީހުން. މީހުން މާގިނައިން ރަށުތެރޭގައި އުޅޭތީ އަޅުގަނޑުމެން ޝައްކެއްވެގެން ޕޮލިހާއި ގުޅިގެން ކުރަނގި އޮޕަރޭޝަންގެ ތެރެއިން އެމީހުން ހިފަހައްޓާފައި އެއްތަނަކަށް ހާޒިރުކުރި މިއަދު. ބެލިއިރު އޭގެތެރޭގައި ގިނައީ ޑޮކިއުމަންޓްސް ނެތް މީހުން މެޖޯރިޓީ އޮތީ. މިހާރު އެމީހުން އަލުން އަނބުރާ އެ ރިސޯޓަށް ފޮނުވާލެވިފައި، ފުލުހުންނާވެސް ވާހަކަދައްކާފައި އެހެން ދިމާއަކަށް ނުދެވޭނެހެން އަވަހަށް ފޮނުވާލީ، އިމިގްރޭޝަނަށްވެސް އަންގާފައި ދެން އެކޮޅުން އެކަން ބަލާނެ،” ރަށު ކައުންސިލު ރައީސް ވިދާޅުވިއެވެ.
ރިސޯޓުގައި މަސައްކަތްކުރަމުންދާ ބައެއް ރަށަށް އަރައިގެން ޗެކްކުރުމަށްފަހު އެމީހުންނަށް އެރަށް ނޫން ތަނަކަށް ދިއުމުގެ ފުރުސަތު ނުދީ ފުލުހުންނާއި އިމިގްރޭޝަނާ ވާހަކަދެއްކުމަށްފަހު އެހުރިހާ ބިދޭސީން އަނބުރާ އެމީހުން އައި ރިސޯޓަށް ފޮނުވާލާފައިވާ ކަމަށްވެސް ކައުންސިލު ރައީސް ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާ ގުޅިގެން އގުޅިގެން އޮޕަރޭޝަންތައް ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރެވި، ގިނަ މީހުން ވަނީ ޑިޕޯޓްކޮށްފައެވެ.

