މާލެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވުމާ ގުޅިގެން ކޯޓުތަކުގެ ދިދަތައް ބައިދަނޑިއަށް ތިރިކުރަން ނިންމައިފި އެވެ. އުމުރުފުޅުން 55 އަހަރުގައި ޝުއައިބު އަވަހާރަވެވަޑައިގަތީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މާލޭގައެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 6 އިން ފެށިގެން މާދަމާގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ކޯޓުތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ނިންމަވާފައިވާ ކަމަށެވެ. މަރްހޫމް ޝުއައިބުގެ ކަށުނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.
ޝުއައިބު ވަނީ 11 އަހަރު ވަންދެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 26 މާރިޗު 2011 ގައެވެ. އަދި އެ މަޤާމުން ރިޓަޔަރ ކުރެއްވީ 22 ނޮވެމްބަރު 2022 ގައެވެ. މީގެ އިތުރުން، ޝުއައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަޤާމާއި، ޚާއްޞަ ޤާޟީގެ މަޤާމާއި، ފެމިލީ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ވެސް ކުރައްވާފައެވެ.
ފަނޑިޔާރު ޝުއައިބުގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، 1997 ވަނަ އަހަރު ޤަޠަރު ޔުނިވަރސިޓީން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވެއެވެ. އަދި 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ ހައްދަވާފައިވެއެވެ.
ހުވަދޫމީޑިއާގެ ފަރާތުން ފަނޑިޔާރު ޝުއައިބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.

