ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ގދ. ހޯޑެއްދޫ، އުފަން، ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު އުމުރުފުޅުން 55 އަހަރުގައި އަވަހާރަވި ޝުއައިބަކީ ރާއްޖޭގެ ހައި ކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ޝުއައިބު އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު މިރޭ އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ “ޖަސްޓިސް (ރިޓަޔަޑް) އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ގައުމަށް އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް” ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ “އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރުކަމުގައި ގައުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފަ. ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާ ކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ޚާއްޞަ ޚިދުމަތްތެރިއެއް،” ކަމަށެވެ.
ޝުއައިބު ހުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރްޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ރައީސް ވަނީ ދުޢާ ކުރައްވޢާ ކުރައްވާފައެވެ.
ފާހަގަކޮށްލެވެނީ، ޝުއައިބު ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފައިވާކަމެވެ. އޭގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ.

