ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލިން ދޭނެ ބަޔަކު ބިނާކޮށްފައިނުވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދޭ ކައުންސިލަރުން ލިބުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ވިދާޅުވީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލަރުން ބިނާކޮށްފައިނުވާ ކަމަށާއި ރާއްޖޭގައި ކައުންސިލިންގ ކިޔަވައިގެން ތިބޭ ގާތްގަނޑަކަށް 150 މީހުން ކަމަށެވެ.
“އެންޑީއޭގަ ފުދޭ ވަރަކަށް ކައުންސިލަރުން އެބަތިބި. އެކަމަކު އެއީ އަޅުގަނޑުމެން އަސްލު ބޭނުންވާ އަދަދެއް ނޫން. ގާތްގަނޑަކަށް 65 ބޭފުޅުން ތިއްބެވީ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ލައިގެން އަޅުގަނޑުމެންގެ ފަންނީ ބޭފުޅުންގެ އަދަދަކީ 85. މިއަށްވުރެ ގިނައިން އަޅުގަނޑުމެން ކައުންސިލިންގ ދޭނެ މީހުން ބޭނުންވޭ.
ޚާއްސަގޮތެއްގައި ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް އަޅުގަނޑުމެން ރާޢްޖޭގެ އެކި ތަންތަނުގައި ފެށުމާއެކު އަދި ގޭގައި ތިބެގެން ފަރުވާ ނަގާ ނިޒާމަށްވެސް ސައިކޯސޯޝަލް ސަޕޯޓް ދިނުން ވަރުގަދަ ކުރުމަށްޓަކައި އަޅުގަނޑުމެން ކައުންސިލިންގ ވަރަށް ބޮޑަށް ވަރުގަދަ ކުރަންޖެހޭ،” އެންޑީއޭގެ ޗެއަރޕާސަން ލުބްނާ
އެޑިކްޝަން ދާއިރާއަށް ބޭނުންވާ ކައުންސިލިންގ އަދި ކައުންސިލިންގ ދާއިރާއަކީ ކުރިއަށް އޮތްތަނުގައި ވަރަށް ބޭނުން ހިފޭނެ ދާއިރާއެއް ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ވިދާޅުވީ މި ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި އަހަރުގެ ތެރޭގައި މީހުން ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެންޑީއޭއަށް ލިބިފައިވާ އެޑިކްޝަން ޕްރޮފެޝަނަލް ކޯހަށް އެދި ހުށަހެޅުމަށް މުޅި ރާއްޖެއަށް ހުޅުވާލާނެކަން ފާހަގަކުރައްވާ ލުބްނާ ވަނީ މި ދާއިރާއިން ކިޔަވަން ބޭނުންވާ އުމުރުން 18 އަހަރުން މަތީގެ ޒުވާނުންނަށް ހުރި ފުރުސަތުތައް ހިއްސާކުރައްވާފައެވެ.
އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 1410 ނުވަތަ އެންޑީއޭގެ އިންފޮމޭޝަން މެއިލަށް މެއިލް ކުރެވުމަށް ލުބްނާ ވަނީ އެދިވަޑައިގެންފައެވެ.

