އެމެރަލްޑް ގްރޭންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުއްދަނެތި ސޮއިކޮށް، ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް މަސައްކަތްކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެމެރަލްޑް ގްރޭންޑް ހޮޓެލްގެ އީ-ސިގްނޭޗަރ، (އިލެކްޓްރޯނިކް ސޮއި) ފޯޖުކޮށްގެން ކުންފުނީގެ ހިއްސާ ބަދަލުކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މައްސަލައިގައި ކުންފުނީގެ އިލެކްޓްރޯނިކް ސޮއި ނަކަލު ކޮށްގެން ބޭނުންކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާގޮތުން، އެމެރަލްޑް ގްރޭންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑް ވަނީ 2019 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު ރަޖިސްޓަރީ ކުރެވިފައެވެ. މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އަހުމަދު ސާބިރެވެ. އަދި ކުންފުނީގެ ބޯޑުގައި އިތުރަށް ހިމެނިވަޑައިގަންނަވަނީ އަލީ ފަޔާޒެވެ.

