ގދ. އަތޮޅުގައި އޮންނަ މާވަރުލު އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ރީޖަނަލް އެއަރޕޯޓްސްއިން ތައްޔާރުވެއްޖެއެވެ. 2020 ވަނަ އަހަރު ހުޅުވުނު މި އެއަރޕޯޓަށް މިހާތަނަށް ފްލައިޓުތައް އޮޕަރޭޓުކުރަމުން އައީ ހަމައެކަނި ދުވާލުގެ ގަޑިތަކުގައެވެ.
ހުވަދުއަތޮޅުގައި އޮންނަ 5 އެއަރޕޯޓުގެ ތެރެއިން އެއް އެއަރޕޯޓު ކަމުގައިވާ މާވަރުލު އެއަރޕޯޓަކީ އެ ސަރަހައްދުގައި މިވަގުތު އޮޕަރޭޓުކުރާ އެއަރޕޯޓުތަކުގެ ތެރެއިން ރޭގަނޑު ފްލައިޓު ނުޖެއްސޭ ހަމައެކަނި އެއަރޕޯޓެވެ. މިކަން ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން 13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރޭގަނޑު ފްލައިޓު ޖެއްސޭނެ އިންތިޒާމު ރީޖަނަލް އެއަރޕޯޓްސްއިން ވަނީ މިހާރު ހަމަޖައްސާފައެވެ.
ރީޖަނަލް އެއަރޕޯޓްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންނަ ބުދަ ދުވަހު ޓެސްޓު ފްލައިޓެއް ޖެއްސުމަށް މޯލްޑިވިއަންއާއެކު ތައްޔާރުވަމުންދެއެވެ. މި ޓެސްޓު ފްލައިޓަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯދަންޖެހޭ ހުއްދަތައް ވަނީ ހޯދާފައެވެ.
މާވަރުލު އެއަރޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސުމުގެ މައިގަނޑު މަޤްޞަދަކީ ސިއްޙީ ކުއްލި ޙާލަތްތަކުގައި ބަލިމީހުން އިވެކުއޭޓްކުރުމަށް މަގުފަހިކުރުމެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މަގުފަހިވެގެންދާނެއެވެ.
1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މާވަރުލު އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސޭނެ އިންތިޒާމު ހަމަޖެހުމާއެކު، ރީޖަނަލް އެއަރޕޯޓްސްގެ ދަށުގައިވާ 8 އެއަރޕޯޓުގެ ތެރެއިން ހޯރަފުށި ފިޔަވައި އެހެން ހުރިހާ އެއަރޕޯޓަކަށްވެސް ރޭގަނޑު ފްލައިޓު ޖެއްސޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީއެވެ.

