ނޭޝަނަލް ޑްރަގް އޭޖެންސީގައި އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި، ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ މެންބަރުންނާއި، ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެންބަރުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ވެރީންނާއި ފަންނީ މުވައްޒަފުންނެވެ.
އެންޑީއޭއިން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި ފަރުވާގެ ހިދުމަތް ހޯދާ ފަރާތްތައް ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި، ފަރުވާދޭ މަރުކަޒުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް އެކަމުން ދުރުހެލިކުރުވުމުގެ ގޮތުން ކަމާއި ގުޅޭ ތަމްރީންތައް ފުރިހަމަކޮށް ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ވެސް މަޝްވަރާކުރެވުނެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަހައްމަލުކުރާ ގިނަ ފަރާތްތަކަކީ ދުންފަތުގެ ބާވަތްތަކަށްވެސް ދެވިހިފާފައިވާ ބަޔަކަށްވާތީ، ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން، ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމަށް ހާއްސަ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރެއްވުމަށް ނިންމަވާފައެވެ. މި ޕްލޭންގެ ދަށުން، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

