ހަކަތަރި ޕްރޮގްރާމް ފުޅާކުރުމަށް މަސައްކަތް ފެށުމުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީން މިއަދު ވަނީ ޔޫ.އެސް.އޭ.އައި.ޑީގެ ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް (ސާރެޕް) އާ ގުޅިގެން ހަކަތަރި ޕްރޮގްރާމް ފުޅާކުރުމަށް މަސައްކަތް ފެށުމުގެ ވޯކްޝޮޕެއް ބާއްވާފައެވެ.
މިހާރު އެއަރ ކޮންޑިޝަނަރ، ފްރިޖް އަދި ދޮންނަ މެޝިން ހިމެނޭ މި ޕްރޮގްރާމް، މިހާރު ވަނީ ފެން ހޫނުކުރާ ސާމާނު، ފެން ޕަންޕު އަދި ފަންކާވެސް ހިމެނޭގޮތަށް ފުޅާކުރުމަށް ނިންމާފައެވެ.
މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ހަކަތައިގެ ޑިމާންޑް ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރުން މުހިންމުކަމަށެވެ.
މި ވޯކްޝޮޕަކީ ހަކަތަރި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ މިންވަރު މަދުކުރެވި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

