މިފްކޯއިން މިއަދު ހާމަކުރި ގޮތުގައި އައްޑޫ ސިޓީ ހުޅުމީދޫ، ގދ. ގައްދޫ އަދި ގދ. ތިނަދޫގެ އައިސްޕްލާންޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިފްކޯގެ މީޑިއާއިން ބުނި ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ހުޅުމީދޫ އައިސްޕްލާންޓުގެ އެއް ޔުނިޓުގެ ޑްރަމް އަށް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ހުޅުމީދޫ އައިސްޕްލާންޓުގެ ދެވަނަ ޔުނިޓުގައި ގޭސް ލީކުވުމުގެ މައްސަލައެއް ދިމާވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މިފްކޯއިން އިތުރަށް ބުނި ގޮތުގައި، ގައްދޫ އައިސް ޕްލާންޓުގެ ކޮންޑެންސަރު ޕަމްޕަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކޫއްޑޫ އިންޖިނިއަރެއް އެތަނުގައި މިހާރު ހަރަކާތްތެރިވަމުންދެއެވެ. އަދި ތިނަދޫ އައިސް ޕްލާންޓުގައިވެސް ކޮންޑެންސަރު މައްސަލައެއް ދިމާވެގެން އިންޖިނިއަރުން އެތަނުގައި މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ކޫއްޑޫގެ ކްރޭން އެކެއް، ތިނެއް އަދި ހަތަރެއްގެ މަރާމާތުގެ މަސައްކަތްތައްވެސް ކުރިޔަށްދާ ކަމަށާއި، މަސް ކިރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިޔަށް ގެންދާ ކަމަށްވެސް މިފްކޯއިން ހާމަކޮށްފައިވެއެވެ. ތިނަދޫ ދެވަނަ ކްރޭނަށް ޖެހިފައިވާ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކުންފުނީގެ އިންޖިނިއަރުން އެ މައްސަލަ ހައްލުވަންދެން މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިންނަށް އައިސް ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށްވާއިރު، ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ފަސް ރަށެއްގައި އައިސް ޕްލާންޓް ހެދުމަށް މިފްކޯއާ ވަނީ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓަން ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، ށ. ކޮމަންޑޫ، ގދ. ރަތަފަންދޫގެ އިތުރުން އއ. ރަސްދޫގައެވެ.

