ރާއްޖޭގެ 55 ރަށެއްގައި ކައުންސިލްގެ އިމާރާތް އަޅަން ދިވެހި ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެެވެ.
ބައެއް ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ވައުދެކެވެ. އެ މަނިކުފާނުގެ ވަޢުދަކީ 5 އަހަރު ދުވަހުގެ ތެރޭގައި 120 އަށްވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމެވެ.
މި ރަށްރަށުގައި ކައުންސިލް އިދާރާތައް އަޅަން ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަލީ ޝަރީފެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިއަދު ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި، ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި 120 އަށްވުރެ ގިނަ ކައުންސިލް އިމާރާތްތައް އަޅައިދެވޭނެއެވެ.
މި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އަދި މީގެ ސަބަބުން އިމާރާތްތައް މިހާރު ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

