ޗައިނާއާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މިއަދު ހާމަކޮށްފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެ އެތެރެކޮށްފައިވާ 1.9 މިލިއަން ރުފިޔާގެ މުދަލުގެ ކްލިއަރެންސް ވަނީ ހަދާފައެވެ. މީގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން ގެނައި ނުވަ ޝިޕްމެންޓަކާއި ކަނޑުމަގުން ގެނައި ތިން ޝިޕްމެންޓެވެ. ވައިގެ މަގުން ގެނެސްފައިވާ ނުވަ ޝިޕްމެންޓުގެ ސީއައިއެފް ވެލިއު އަކީ 882،381 ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި ކަނޑުމަގުން ގެނައި ތިން ޝިޕްމެންޓުގެ ސީއައިއެފް ވެލިއުއަކީ 1،040،875 ނުވަތަ 1.04 މިލިއަން ރުފިޔާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް، އޭރުގެ އިދިކޮޅު ފަރާތްތަކުން މި އެއްބަސްވުމާ ދެކޮޅު ހަދަމުން ދިޔައެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމަށް ރުހުންދީ، އެކަން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ކުރީގެ ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ބޭފުޅުން އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔައީ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ފައިދާ ނުވާނެ ކަމަށް ބުނެއެވެ. އެހެންކަމުން، މިދިޔަ ސަރުކާރުން އެ އެއްބަސްވުން ތަންފީޒުކޮށްފައެއް ނުވެއެވެ.
ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއެކު މިފަދަ ކަރަންސީ ސެޓްލްމަންޓް އެރޭންޖްމަންޓްތައް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެކެވެ. އެގޮތުން މި އެއްބަސްވުމަށއެގޮތުން މި އެއްބަސްވުމަށް އެމަނިކުފާނުގެ ސަރުކާރުގައި މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ވަނީ އަމަލުކުރަން ފަށާފައެވެ.

