އީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް، އެމެރިކާގެ ނައިބު ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޖޭމްސް ޑޭވިޑް ވެންސްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ނައިބުރައީސް މި މަރުޙަބާ ވިދާޅުވެފައިވަނީ އިޖުތިމާޢީ ކުރީގެ ޓުވިޓަރ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްގެ މެސެޖުގައި ވިދާޅުވެފައި ވަނީ “ކުރިއަށް އޮތް 4 އަހަރަކީ، ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތް ކުރާނެ ދައުރަކަށް ވާނެކަމަށް ޔަގީންކުރައްވާ،” ކަމަށެވެ.
މީގެއިތުރުން، އާ ރިޔާސަތާއެކު އެމެރިކާގެ ރައްޔިތުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ރައްޔިތުންގެ މެދުގައި ސުލްޙަ ޤާއިމު ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ދައުރަކަށް ވާނެކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ޖޭ.ޑީ ވެންސްއަކީ އެމެރިކާގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި 50 ވަނަ ބޭފުޅާއެވެ. ސިޔާސީ ގޮތުން ހަރަކާތްތެރި މި ބޭފުޅާ ވަނީ ޔޫ.އެސް ސެނެޓުގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާފައެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ އެމެރިކާގެ އާ ވެރިކަމުގެ ދައުރަށް މަރުޙަބާ ވިދާޅުވެ، މި ދައުރަކީ ކާމިޔާބު ދައުރަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

