މަސްވެރިކަމާ ބެހޭ އާންމު ޤަވާއިދަށް ދެވަނަ އިސްލާހު ގެނެސް، ވަދު ކަނދުފަތިތައް ކައިރިންވެސް ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. މި އިސްލާހާއެކު، ކުރިން ވަދު ކަނދުފަތިތަކުގެ އެއް މޭލު ސަރަހައްދުގައި އަތުނަނު ބޭނުންކޮށްގެން ބޮޑު ކަންނެލީގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ކުރުން މަނާ ކޮށްފައިވާ މާއްދާ ވަނީ އުނި ކޮށްފައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އިސްލާހުގެ ސަބަބުން މިހާރު ވަދު ކަނދުފަތިތައް ކައިރިންވެސް ދޮށީގެ މަސްވެރިކަން ކުރެވޭނެއެވެ. ނަމަވެސް، އޮއިވާލި ނުވަތަ މަސް ކަނދުފަތިތަކާ ގުޅޭ ޤަވާއިދުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެ ކަނދުފަތިތަކުގެ 3 މޭލު ސަރަހައްދުގައި ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނާނެއެވެ.
މި ޤަވާއިދަކީ 2020 ވަނަ އަހަރު ހެދި، 2021 ވަނަ އަހަރު ފުރިހަމައަށް ތަންފީޒުކުރަން ފެށި ޤަވާއިދެކެވެ. މިހާތަނަށް މި ޤަވާއިދަށް ދެ އިސްލާހެއް ގެނެސްފައިވެއެވެ. މި ޤަވާއިދުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގޭނެ ގޮތްތަކާއި، ޤަވާއިދާ ޚިލާފުވާ ޙާލަތްތަކުގައި ކުރެވޭނެ ޖޫރިމަނާތައް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި އިސްލާހުގެ ދަށުން މަސްވެރިންގެ ދަފްތަރު ބެލެހެއްޓުމާ ގުޅޭ މާއްދާވެސް ވަނީ އުނިކޮށްފައެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މި ބަދަލު ގެނެސްފައިވަނީ މަސްވެރިންގެ ދަފްތަރުގެ މަސައްކަތް އެހެން ޤަވާއިދެއްގެ ދަށުން ކުރަމުންދާތީއެވެ.
ސަރުކާރުން މިހާރު ދަނީ ިހާރު ދަނީ ކަނދުފަތިތަކުގެ ޑިޒައިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދިރާސާ ކުރަމުންނެވެ. ރާއްޖޭގައި މިވަގުތު ދެ ބާވަތެއްގެ ކަނދުފަތި އެޅިފައިވެއެވެ. އެއީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ އޮއިވާލި ކަނދުފައްޗާއި، މުނިފޫހިފިލުވުމުގެ ބޭނުމުގައި ކުރާ މަސްވެރިކަމަށް ޚާއްޞަ ކޮށްފައިވާ ވަދު ކަނދުފައްޗެވެ.

