ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ. ވާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ގިނަ މަޝްރޫޢުތަކެއް މި އަހަރު ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ. އަދި ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ވާދޫގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި ވާދޫގެ ރައްޔިތުންނަކީ ތަރައްޤީއަށް މަސައްކަތްކުރާ ފައްސި ވިސްނުމެއްގެ ބައެއް ކަމަށް ފާހަގަކުރައްވައި، ރައްޔިތުންގެ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގައި ދިމާވެފައިވާ ކުނި ކޮށީގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލަ ހައްލުވުމާއެކު، ދޫކުރަން ނިންމާފައިވާ ގޯތިތައް ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ރ.ވާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން– / ފޮޓޯ:ޕީއެސްއެމް
ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ މަސައްކަތް ލަސްވެފައިވަނީ ބޮޑު ހިލައިގެ މައްސަލައެއްގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ، އެމްޓީސީސީ އަދި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އަވަހަށް މި މަޝްރޫޢުގެ މަސައްކަތް އަލުން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ ވާދޫއަށް އިތުރު ވައުދުތަކެއްވެސް ވެވަޑައިގެންފައެވެ. މީގެ ތެރޭގައި ބޮޑު ދަނޑުގެ މަސައްކަތް އަވަސްކުރުމާއި، ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމާއި، ބިން ހިއްކުމާއި، ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމާއި، ކަރަންޓުގެ މައްސަލަ ހައްލުކުރުމާއި، އިޔާދަކުރަނިވި ހަކަތަ ޤާއިމުކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ތަރައްޤީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި، ބައެއް މަޝްރޫޢުތައް ނިންމަވާނެ ކަމަށެވެ. އަދި ދެން ވާދޫއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

