ބިދޭސީއަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތް ދޭކަމަށް ބުނެ އިޝްތިހާރުކުރަމުންދާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، “މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވެއެވެ. މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން މިހާރު މަސައްކަތް ކުރަމުންދާކަމަށް އެ ޚިދުމަތުން މަޢުލޫމާތު ދެއްވިއެވެ.
ފުލުހުންގެ އިދާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެއްކަކާ ހިއްސާކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އާންމުންނަށް ގޮވާލައްވާފައިވެއެވެ.
މީގެ ކުރިންވެސް، ރާއްޖޭގައި އެހެން ދީންތައް އިޝްތިހާރުކުރުމާއި އަދި އެހެން ދީންތަކުގައި އަޅުކަމުގެ ގޮތުން ކުރަމުންދާ ކަންކަން ކުރިއަށްގެންދަން މަސައްކަތްކޮށްފައިވާ މައްސަލަތަކެއް ފުލުހުން ބަލާފައިވާކަން ފާހަގަކުރެވެއެވެ.

