ރައީސް ޑރ.މުހައްމަދު މުއިއްޒު ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރ އަތޮޅު ރަސްގެތީމަށް ވަޑައިގެންފިއެވެ. ރަސްގެތީމުން ރައީސް އަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.
ރައީސް ރަސްގެތީމަށް ވަޑައިގެން އެރަށުގައި އަލަށް އިމާރާތްކުރެވުނު ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. އަދި ރަސްގެތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަދި ރަސްގެތީމު ރައްޔިތުންނާވެސް ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުކުރެއްވުމުގެ ތެރޭން ރަސްގަތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރެއްވުންވެސް އޮންނާނެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރ އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
ރައީސް ރ އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ރ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

