ރ. ވާދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް ވާދޫ ކައުންސިލްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާމައި އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވީ މިއަދު އެމަނިކުފާނު ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ވަރަށްބޮޑަށް ބަލައިގަންނަކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރ ވާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ މުޞްތަޤްބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ޙިއްޞާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

