ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން، ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހެއްދެވުމަކީ އެ މަނިކުފާނު ނުހަނު ބޭނުންފުޅު ވާ ކަމެއް ކަމުގައި ރައީސް ޑޮކްޓަރ މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ ރ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ ދަތުރުގައި އެ އަތޮޅު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ރ. ވާދޫ ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައެވެ.
ރ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި މަސައްކަތް ކުރައްވާ، ތަރައްޤީގެ ވިސްނުމުގެ ރައްޔިތުންތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ އެކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ރަށުގެ ތަރަޢްޤީއަށް ޚާއްޞަ ކަންތައްތަކެއް އެބަހުރިކަމަށާއި، ރ.ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައި އޮތް ރަށެއްކަމަށެވެ. އަދި އެކަމަށް މަރްޙަބާ ވިދާޅުވެ، ރައީސް ވަނީ ހިތްވަރުވެސް ދެއްވައިފައެވެ.
2028 އަންނަ އިރު މުޅި ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި، އެންމެ މަދުވެގެން 3 ބައިކުޅަ 1 ބަޔަކީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެންދެވޭ ޚިދުމަތެއް ކަމުގައި ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ، ރ. ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހާ ހަކަތައެއް، އިޔާދަ ކުރަނިވި ހަކަތަ، ވަކިން ޚާއްޞަކޮށް އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ރަށަކަށް ހެއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއްބެވި ކަމަށް ވަންޏާ، އެ ރަށުގެ ހުރިހާ ތަންތަނަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދިދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށާ، ނަމަވެސް އެއީ ވަޢުދުފުޅެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ. ރައްޔިތުން އެދިވަޑައިގަންނަވަނީ ނަމަ، ކުރިއަށް އޮތް 4 އަހަރު ނިމިގެން ދާއިރު ރ.ވާދޫއަކީ މި ރޮނގުން މޮޑެލް ރަށަކަށް ހައްދަވަން ބޭނުންފުޅު ކަމަށާއި، މުޅި ރަށް އެއްކޮށް، އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވުން އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ރައީސް ވަނީ ރ. ވާދޫގެ ރައްޔިތުންނަށް އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން، ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ޙައްލު ގެންނަވާނެ ކަމާއި، އެކަން ހަމަޖެހިގެން ދާއިރު، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ މައްސަލަވެސް ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.
ގިރާ ސަރަޙައްދުގެ މައްސަލައަށް އިޝާރާތް ކުރައްވާ، ރައީސް ވިދާޅުވީ އެ މައްސަލަ ޙައްލު ކުރުމަށް ބޮޑުހިލަޖެއްސުމުގެ މަޝްރޫޢު ކުރިއަށް ދާއިރު، ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރުވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
ކައުންސިލުން އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ރަށުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ރ. ވާދޫގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ. ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ އެންމެ ބޮޑު ޔަޤީންކަމަކީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގޮތުން ގުޅޭ ވުޒާރާތަކުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރ އަތޮޅުގެ އެގާރަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިއެވެ. އެގޮތުން އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

