ރ.ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ މުއިއްޒު މިހާރު ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމަށް ވަޑައިގަތް ދަތުރުފުޅުގައެވެ.
ރަސްގެތީމު އައު ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ފެށިފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން 2023 ވަނަ އަހަރުއެވެ. ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވިގޮތުގައި، އައު އޮފީސް އިމާރާތެއް އަޅަން ޖެހުނީ ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް ބާވެ ހަލާކުވުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުންނެވެ.
“މުވައްޒަފުން އިތުރުވިއަސް ބޭނުންކުރެވޭ ކެޕޭސިޓީގެ އިމާރާތެއް މިއީ. ކޮންމެ ކައުންސިލް މެންބަރަކަށް ރޫމެއް، ސެކްރެޓަރީ ޖެނެރަލް އަދި ބަޖެޓް ހެޑަށްވެސް ވަކި ރޫމެއް ހިމެނޭ. ޑަބްލިޔުޑީސީގެ މަސައްކަތް އަދި އިދާރީ މަސައްކަތަށްވެސް ޖާގަ ތަނަވަސްވެއްޖެ. ކޮންފަރެންސް ރޫމާއި ކައުންސިލް މީޓިން ރޫމެއްވެސް ހިމެނޭ.” ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވިއެވެ.
ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދެއްވާފައެވެ. މިހާތަނަށް 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމަވާ، އެ ރަށްތައް އިޢުލާންކުރައްވާފައިވާއިރު، 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ވަނީ ހަވާލުކުރައްވާފައެވެ. ސަރުކާރުގެ ޢަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމެވެ.

