ށ. އަތޮޅު ކައުންސިލުން އެއަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ. މިއީ ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅު ކައުންސިލުން 450,120.00 ރުފިޔާ (ހަތަރުލައްކަ ފަންސާސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ޚަރަދުކޮށްގެން، ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާ ހަވާލުކޮށްގެން މި މަޝްރޫޢު ހިންގަނީއެވެ.
ށ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ގޮއިދޫ ކައުންސިލާ ހަވާލުކޮށްގެންނެވެ. އަދި މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، އަތޮޅުގެ އެހެން ރަށްރަށުގައިވެސް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން/ ފޮޓޯ: އަތޮޅު ކައުންސިލް
ށ. އަތޮޅު ކައުންސިލުން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
މި މަޝްރޫޢާ ގުޅޭ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަމާޒަކީ ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާވެ، ކާނާއަށް ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރައްކާތެރި ކާބޯތަކެތި ދަނޑުފަންގިތަކުން ލިބިގެން ދިއުން ކަމަށެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި އަމާޒަށް ވާސިލްވުމަށް ފަރުދީގޮތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްނަންގަވައިގެން މިފަދަ މަޝްރޫޢުތައް ހިންގުމަކީ އެ ވުޒާރާއިން ބަލައިގަންނަ، އަދި ހިތްވަރުދޭ ކަމެއް ކަމަށެވެ.

