ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ.އަނގޮޅިތީމަށް ވަޑައިގެންފިއެވެ.
އަނގޮޅިތީމުގެ ގިނަ ރައްޔިތުން، ކުދިބޮޑު އެންމެންހެން ބަނދަރު ސަރަޙައްދަށް ނިކުމެ، ރައީސް ޑރ މުއިއްޒަށް ވަނީ ވަރަށްވެސް އުފާވެރި ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ. އަދި ރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމުގެ އިތުރަށްވެސް އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގެ ތެރެއިންން، ބީއެމްއެލްގެ އޭޓީއެމް އަނގޮޅިތީމުގައި ބެހެއްޓުމުގެ މަސައްކަތް އެރަށުގެ ކައުންސިލާ ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރ.އަތޮޅުގެ 11 ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަނގޮޅިތީމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ އުނގޫފާރަށެވެ.-
ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

