ރާއްޖޭގެ ރަށްރަށުގައި ކުރަން ހުރި ކަންކަން ވަރަށް އަވަހަށް ހިނގައިގަންނަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ރ. އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މި ވާހަކަ ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ގައުމުގެ އިގްތިސާދު ބަނގުރޫޓުވާ ހިސާބަށް ދިއުމާ ގުޅިގެން އިގްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަން ޖެހުނެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން ފާސްކުރި ބަޖެޓުގެ ސަބަބުން ރަށްރަށުގައި މާ ގިނަ ކަންކަން ނުވި ކަމަށް ވެސް ވިދާޅުވިއެވެ.
“ކައުންސިލާއި މުއައްސަސާތަކާއި ވަޒީރުންނާ ދިމާވެ ވާހަކަ ދެކެވިގެން މައްސަލަތައް ހައްލުކުރެވި ނަތީޖާއާ ހަމައަށް ދެވޭނެ ގޮތް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވާން (ބޭނުންވަނީ).” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލިހުން ފާސްކުރި ބަޖެޓާއެކު މި މަހުން ފެށިގެން ރަށްރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް ފަށައިގަންނާނެއެވެ. އަދި ގިނަ ވަޒީރުން ދަތުރުތަކުގައި ބައިވެރިކުރާ ސަބަބަކީ ވަރަށް އަވަހަށް ކަންކަން ހިނގައިގަންނަން ބޭނުންވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ މަޝްރޫއު، ބަނދަރު މަޝްރޫއު، މަގު ހެދުމުގެ މަޝްރޫއު އަދި ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ސިއްހީ އަދި ތައުލީމީ ނިޒާމު ތަރައްގީ ކުރެއްވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުން ގާތަށް ގޮސް، ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެންނެވެ. އަދި އެގޮތުގެ މަތިން ކަންކަން ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

