"ކުރާ ހިތުން ކުރަންޏާ ކޮންމެ ކަމެއް ވެސް ކުރެވޭނެ" މި މޮޓޯއަކީ ހަޔާތުގެ މަގު ދައްކާ އަސާގަނޑަށް ހަދައިގެން ދިރިއުޅުމުގައި ކުރިއަރަމުން އަންނަ އާމިނަތު އަޙުމަދަކީ މަސައްކަތްތެރި ކަނބަލުންގެ ދުނިޔޭގައި ނަން ފާހަނގަކޮށްލެވޭ ފަދަ ފަހުލަވާނެކެވެ.
އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އާމިނަތު އަކީ ގުޅަ ހަދައިގެން ދިރިއުޅުމެއް ފެންނާނެ ކަމަށް ހީކުރި މީހެއް ނޫނެވެ. އެހެންނަމަވެސް އާމިނަތު އަކީ މިއަދު ކުދި ގުޅަ ހަދައި، އެ ވިއްކައިގެން ފާގަތި ދިރިއުޅުމެއް ބިނާކުރަމުން އަންނަ ހިތްވަރުގަދަ ކަނބަލެކެވެ.
ގުޅަ ހެދުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ގެންގުޅެފައިނުވާ އާމިނަތު އަށް މި މަސައްކަތުގެ ތެރެއަށް ވަދެވުނީ ރައްޓެއްސެއް ބުނި ބަހެއްގެ ސަބަބުންނެވެ.
ރައްޓެއްސެއް ބުނީމަ ހިތަށް އެރީ ވާގޮތެއް ބަލަން ގުޅަ ހަދަން. މިހާރު 15 އަހަރު ވެދާނެ މި މަސައްކަތް ކުރާތާ
އާމިނަތު ބުނިގޮތުގައި ގުޅަ ހަދައިގެން ލިބޭ އާމްދަނީ އިން އޭނާއަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރެވެއެވެ. އެގޮތުން އޭނާގެ އަމިއްލަ ކަންކަމާއި ގޭގެ ކަންކަމާއި ދަރިންގެ ކަންކަމުގެ އިތުރުން ރައްޓެހިންގެ ކަންކަމުގައި ވެސް މާލީ ގޮތުން އެހީތެރިވާ ކަމަށް އާމިނަތު ބުންޏެވެ. މީގެ އިތުރުން މި މަސައްކަތުން ލިބޭ އާމްދަނީ އިން ބޭރު ގައުމުތަކަށް ދަތުރުކޮށް މައްކާ އަށް ދިއުމުގެ ފުރުސަތު ވެސް އާމިނަތު އަށް ލިބުނެވެ.

ކުދި ގުޅަ ހެދުމުގެ ތެރެއިން އާމިނަތު އަޙްމަދު: ފޮޓޯ/ހުވަދޫ މީޑިއާ
އެހެންނަމަވެސް ގުޅަ ހެދުމުގެ މަސައްކަތަކީ އާމްދަނީ އަށް ކުރާ މަސައްކަތަކަށް ވުރެ ކުރާ ހިތުން ކުރާ މަސައްކަތެއް ކަމަށް އާމިނަތު ތަކުރާރުކޮށް ވިދާޅުވިއެވެ.
ޓްރައި އެއް ކޮށްލަން ހެދި ގުޅަ ވަރަށް މީރު. ދެން ފަހަކަށް އައިސް ވަރަށް ކުރާ ހިތުން ކުރަނީ. ފިރިމީހާ އާއި ކުދިން ވެސް ވަރަށް މައްސަލަ ޖައްސާ މިކަން ކުރާތީ. ހުއްޓާލަން ބުނީ. އެމީހުން ކައިރީ ބުނިން މި މަސައްކަތް ހަމަ ކުރާނަމޭ.
ގުޅަ ހެދުމުގެ މަސައްކަތް އެއްވެސް އިރެއްގައި އާމިނަތުގެ ނަފްސަށް އޮތް ބުރައެއް ކަމަށް ދެކިގެން ކޮށްފައެއް ނުވެއެވެ. އަދި މުޅި ދުވަސް އެކަމަށް ހުސް ވެގެނެއް ވެސް ނުހުރެއެވެ. އާމިނަތު ބުނިގޮތުގައި ގޭގެ ހުރިހާ މަސައްކަތެއް ކުރަމުން އަދި އަމިއްލަ ނަފްސަށް ހުސްވަގުތެއް ދެމުން ވެސް މި މަސައްކަތް ކުރެވެއެވެ.
ގުޅައިގެ އިތުރުން އެކި ސައިޒުގެ ބަޖިޔާ އަދި ކީމިޔާ ވެސް އާމިނަތު ތައްޔާރުކުރެއެވެ. އާމިނަތު ބުނިގޮތުގައި އަބަދުވެސް އޯޑަރު ލިބިލިބި ހުންނާތީ ފިހާރައަށް ވެސް އެހާ ގިނައިން ވިއްކަން ނުލާކަމަށެވެ.

ކުދި ގުޅަ ހެދުމުގެ ތެރެއިން އާމިނަތު އަޙްމަދު: ފޮޓޯ/ހުވަދޫ މީޑިއާ
އާމިނަތު އަޙްމަދުގެ ވާހަކައިން ދައްކުވައިދެނީ، ކުރާ ހިތުން މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއްގައި ކާމިޔާބު ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމެވެ. އަދި އަމިއްލަ ހިތްވަރާއި ކެތްތެރިކަމާއެކު ކުރިއަށް ދާނަމަ، ކޮންމެ ގޮންޖެހުމެއް ވެސް ފަހަނައަޅައި ދެވޭނެ ކަމެވެ.

