ފަރެސްމާތޮޑާ ސަރަހައްދުގައި ސްޕޯޓްސްފިޝިންގއަށް ޚާއްޞަ ކަނދުފަތި އެޅުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިހެން ބުނެފައިވަނީ އަދު މަސްވެރިކަމާބެހޭ ވުޒާރާއާއި ފަރެސްމާތޮޑާ ކައުންސިލާ ދެމެދު ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ.
މިއަދުގެ އެބައްދަލުވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކޮށް، ފަރެސްމާތޮޑާގެ ދެކުނުން އީކުއޭޓަރާ ކައިރީގައި އެޅުމަށް ނިންމާފައިވާ ކަނދުފަތި އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މިއީ، ފަރެސްމާތޮޑާ ކައުންސިލުން އެރަށަކީ ސްޕޯޓްސް ފިޝިންގ އަށް ޝައުގުވެރިކަން ހުރި، އެކަމުގައި އުޅޭ މީހުން ގިނަ ރަށަކަށް ވުމުން، ސްޕޯޓްސްފިޝިންއަށް ހާއްސަ ކަނދުފައްޗެއް އެސަރަހައްދުގައި އަޅައިދިނުމަށް ސަރުކާރުގައި އެދިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަސްވެރިކަމާބެހޭ ވުޒާރާއާއި ފަރެސްމާތޮޑާ ކައުންސިލާ ދެމެދު ބޭއްވުނު ބައްދަލުވުން / ފޮޓޯ:ފަރެސްމާތޮޑާ ކައުންސިލް
ފަރެސްމާތޮޑާ ކައުންސިލުން ސަރުކާރުގައި ދެންނެވި މިދެންނެވުމަށް، މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ފަރެސްމާތޮޑާއާ އެންމެ އަވަށްޓެރި ރަށަކަށް އޮތީ ފިޔޯރީ ކަމަށްވާތީ، ދެ ކައުންސިލުން އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ކޮބައިތޯ މަޝްވަރާކޮށް އެކަން އަންގައިދިނުމަށް އެެދި އަންގާފައެވެ. މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ފަރެސްމާތޮޑާ ކައުންސިލުންނާއި ފިޔޯރީ ކައުންސިލުންވެސް އިއްތިފާޤުވެގެން ހުށަހެޅި ތިން ޕޮޒިޝަނަށް ރިއާޔަތް ކޮށް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ސަރަހައްދުގެ ފުން މިން ބަލައި ކަނދުފަތި ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖައްސާފައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއާއެކު ކުރިއަށްދިޔަ ބައްދަލުވުމަށްފަހު ފަރެސްމާތޮޑާ ކައުންސިލުން ބުނީ ކަނދުފަތި އެޅުމުގެ މަސައްކަތް ކުރާ ދޯނި ފަރެސްމާތޮޑާއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 28 ވާ ހޯމަދުވަހު ކަމަށެވެ.
މިއީ އެ ސަރަޙައްދުގައި ފަރުމަހުގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ފަސޭހަކަމެކެވެ. އަދި ހަމައެހެންމެ ސްޕޯޓްސްފިޝިންގއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްވެސް އުފާވެރިކަމެއްމެއެވެ.
މިއަދުގެ ބައްދަލުވުމުގައި މަސްވެރިކަމާ ބެހޭ އާންމު ޤަވާއިދަށް ދެވަނަ އިސްލާހު ގެނެސް، ވަދު ކަނދުފަތިތައް ކައިރިންވެސް ދޮށީގެ މަސްވެރިކަން ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި މި އިސްލާހާއެކު، ކުރިން ވަދު ކަނދުފަތިތަކުގެ އެއް މޭލު ސަރަހައްދުގައި އަތުނަނު ބޭނުންކޮށްގެން ބޮޑު ކަންނެލީގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ކުރުން މަނާ ކޮށްފައިވާ މާއްދާ ވަނީ އުނި ކޮށްފައެވެ.

