މޯލްޑިވިއަން އެއަރލައިންސްގެ އައު ވައިޑް ބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ވައިގެ ދަތުރު 23 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދަތުރު ޗެންގްޑޫ އިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާއިރު އެއަރކްރާފްޓް ޖެއްސުމަށް ހަމަޖެހިފައިވަނި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައެވެ
ފުރަތަމަ ދަތުރުތައް ޗައިނާގެ 3 މަންޒިލަކަށް ކުރަން ނިންމާފައިވާއިރު ޗައިނާގެ ޗެންގްޑޫއަށް 2 ކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. ވައިޑް ބޮޑީގެ 2 ވަނަ ދަތުރު ކުރާނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ޗައިނާގެ ބެއިޖިންގއަށެވެ. ބެއިޖިންގ 2 ކޮޅު ޓިކެޓުގެ އަގަކީ 788 އެމެރިކާ ޑޮލަރެވެ. ޗައިނާގެ ޝެންހާއީއަށް ފުރަތަމަ ދަތުރު ކުރާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ޝެންހާއީ 2 ކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
މި އައު އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެގެންގޮސްފައެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް އަރާނެއެވެ.

