މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން، ނުހިންގާތާ ގިނަ އަހަރުތަކެއް ވެފައިވާ 55 ޖަމިއްޔާއަކަށް ލިޔެކިޔުންތައް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ، ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ޖަމިއްޔާތަކުގެ ރަޖިސްޓްރީ އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ ޖަމިއްޔާތައް އެކްޓިވް ކުރުމަށް މި ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
މި ފުރުސަތު ދިނުމަށް ފުރަތަމަ ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމިއްޔާއަކަށެވެ. މި ޖަމިއްޔާތަކަށް ލިޔެކިޔުންތައް ހުށަހެޅުމަށް 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށް، 6 މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، މި މުއްދަތުގެ ތެރޭގައި ޖަމިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމިއްޔާތައް ގާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޖަމިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމިއްޔާތަކުން ލިޔުންތައް cso@youth.gov.mv އަށް އީމެއިލްކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 4000488، 4000497 ނަންބަރު ފޯނަށް ގުޅުމަށްވެސް އަންގާފައިވެއެވެ.
މި ފިޔަވަޅަކީ ދިވެހިރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް، އެ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

