ރ. އުނގޫފާރުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މި ދެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އުނގޫފާރުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.
މިނިސްޓަރު އަލީ އިހުސާން ވަނީ މި ޚިދުމަތް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެ ރަށުގައި ފުރަތަމަ ޕްރިންޓް ކުރި އައިޑީކާޑު އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވާފައެވެ. އަދި އެރަށުގެ އިމިގްރޭޝަނުން ދޫކުރި ފުރަތަމަ ޕާސްޕޯޓުވެސް މިނިސްޓަރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވާފައެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅު ފުއްދުމުގެ ގޮތުން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަނީ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައެވެ.
ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރުގެ އައު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް، ރައްޔިތުންނަށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖައްސާފައިވެއެވެ.
މީގެ އިތުރުން، މިއަހަރު ތަޢާރަފްކޮށްފައިވާ އައު ޚިދުމަތެއްގެ ދަށުން، ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
މި އައު ޚިދުމަތްތަކުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އައިޑީ ކާޑާއި ޕާސްޕޯޓު ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހޭ ތަކުލީފު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

