ހދ. ނޮޅިވަރަންފަރަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު އަންހެން ފަތުރުވެރިއަކަށް ޖިންސީ އަނިޔާއެއް ދިނުމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ މެންދުރު 2:45 ހާއިރު އެ ރަށުގައި ފަތުރުވެރިންނަށް ޚާއްޞަކޮށްފައިވާ ބީޗުގައި އިންދާ އަންހެން ފަތުރުވެރިއަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ރަށުގެ ރައްޔިތުންނަށް ލިބުނު ހިތާމަވެރި ކަމެއް ކަމަށާއި، ރަށުގެ ރީތި ނަމަށް ލިބިގެންދިޔަ ހުތުރު ކިލަނބުކަމެއް ކަމަށެވެ. އަދި މި މުޑުދާރު ޢަމަލު ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ހިންގާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާފައިވެއެވެ. މީގެއިތުރުން، މިފަދަ ޢަމަލުތައް ތަކުރާރު ނުވާނެ ގޮތަށް ބަލައި ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ކައުންސިލުން ދީފައިވެއެވެ.
ނޮޅިވަރަންފަރަކީ ރިސޯޓުތަކާއި ގެސްޓްހައުސް ހިންގާ ގިނަ ބަޔަކު ޝައުޤުވެރިވާ، ލޯކަލް ޓުއަރިޒަމް ދާއިރާ ފުޅާވެ ފައްކާވަމުން އަންނަ އެންމެންގެ މެދުގައި މަޤުބޫލު ރީތި ރަށެއްކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މި ހާދިސާއަކީ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއްކަމަށް ބެލެވެއެވެ.

