ރާއްޖޭގެ ހުރިހާ މުޢައްސަސާތަކާއި އިދާރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށްގެން ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި، އެމަނިކުފާނު ވަނީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، ދާދިފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ޚިދުމަތް ދިނުމުގެ ނިޒާމުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެސްޓޯނިއާއަކީ ދުނިޔޭގައިވެސް އެންމެ ކޮރަޕްޝަން މަދު އެއް ޤައުމުކަމަށާއި، ރާއްޖޭގައިވެސް އެސްޓޯނިއާގައި ޤާއިމްކުރެވިފައިވާ ފަދަ ޚިދުމަތުގެ ނިޒާމެއް ޤާއިމްކުރެވިއްޖެނަމަ، ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވޭނެ ކަމަށެވެ. އަދި މިކަމަށް އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަން ފާހަގަކުރައްވައި، ޚިދުމަތްތައް ހޯދުމުގައި ބޭނުންކުރެވޭނެ ޑިޖިޓަލް އައިޑެންޓިޓީ ކާޑެއް ތަޢާރަފްކުރައްވާނެކަން އިޢުލާންކުރެއްވިއެވެ.
"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޑިޖިޓަލް އައިޑީ ކާޑު ނިޒާމެއް އަޅުގަނޑުމެން ތަޢާރަފްކުރާނަން. ޑިޖިޓަލް އައިޑީ ކާޑު ހަދާނީ އެސްޓޯނިއާގައި އެކަން ކޮށްފައިވާ ފެންވަރުގައި. އޭގެ ޒަރިއްޔާއިން ދެން ހުރި ހުރިހާ ކަމެއް ކުރެވޭނެ. ފުރިހަމައަށް އިންޓަގްރޭޓް ކުރެވިފައިވާ ވިއުގައަކުން ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން އެކަން ކުރާނީ. މިކަން ކުރާނީ ކުރިއަށް އޮތް 4 އަހަރަށް ބަހާލައިގެން ތަފްޞީލީ ޕްލޭނަކާއެކު ހާމަކަން ބޮޑުގޮތެއްގައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޑިޖިޓަލް ނިޒާމުގައި މިހާރުވެސް އެކި މުޢައްސަސާތަކުން އެކި ފެންވަރުގައި އެކި ޚިދުމަތްތައް ދެމުންދެއެވެ. އެހެންނަމަވެސް މިއީ މިކަން ކުރަންޖެހޭ ގޮތް ނޫންކަމަށް ވިދާޅުވެ، މިކަމަށް މުޢައްސަސާތަކުގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަމަށް ބޭނުންވަނީ އެއްބާރުލުން. މިކަން ކުރާނީ ދެފުށް ފެންނަ ގޮތަށް. ކައުންސިލްތަކުގައިވެސް ހުރިހާ މުޢައްސަސާތަކުގައިވެސް. މިކަމަކީ ކުރުމުއްދަތެއްގެ ތެރޭގައި ޚިދުމަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ބޮޑުތަނުން ނައްތާލެވޭނެ ކަމެއް. މިކަމަށް ބޭނުންވަނީ ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާންމު ޚިދުމަތުގެ ނިޒާމު ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. މިގޮތުން ވަސީލަތްތައް ޤާއިމްކުރުމާއި މީހުން ބިނާކުރުމަށް ސަރުކާރުން

