ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް 330 ވައިޑްބޮޑީ މަތިންދާބޯޓުގައި ޗައިނާގެ ޗެންގްޑޫއަށް ފުރަތަމަ ދަތުރު މިއަދު ފަށައިފިއެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްމަކަށްފަހު ކުރާ މި ފުރަތަމަ ދަތުރުގައި ދިވެހިންނާއި ރާއްޖޭގައި ތިބި ޗައިނާގެ ޓޫރިސްޓުން ދަތުރުކުރިއެވެ.
މޯލްޑިވިއަން އިން މިހާރު ވަނީ ޗައިނާގެ ތިން މަންޒިލަކަށް (ޝެންހާއީ، ބީޖިން އަދި ޗެންގްޑޫ) ދަތުރުތައް ޝެޑިއުލްކޮށްފައެވެ. މި ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް 40 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެކަމަށް އެއާލައިނުން ބުނެއެވެ. މިއީ ރާއްޖެއިން ޗައިނާއަށް ދާ ފްލައިޓަކުން ދޭ އެންމެ ބޮޑު ބެގޭޖު އެލަވަންސްކަމަށް މޯލްޑިވިއަން އިން މަޢުލޫމާތު ދެއެވެ.
މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ހުރީ 688 ޑޮލަރުން ފެށިގެން 788 ޑޮލަރާ ދެމެދުގައެވެ. މިގޮތުން ޝެންހާއީ-މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރެވެ. ބީޖިން-މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 788 ޑޮލަރެވެ. އަދި ޗެންގްޑޫ-މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 688 ޑޮލަރެވެ.

ޗައިނާއަށް ބޯޓު ޖެއްސުމުން މަރުހަބާ ކިޔަނީ — މޯލްޑިވިއަން
މޯލްޑިވިއަން އިން މި އަގުތައް އިޢުލާނުކޮށްފައިވަނީ ފްލައިޓްތައް ފެށުމާ ދިމާކޮށް ކުރިއަށް ގެންދާ އިނޯގްރޭޝަން ފެއާގެ ގޮތުގައެވެ. މިއީ މިހާރު ރާއްޖެއިން ސީދާ ޗައިނާގެ މަންޒިލްތަކަށް ދެވޭ ގޮތަށް ހުރި އެންމެ ހެޔޮ ފެއާކަމަށް އެއާލައިނުން ބުނެއެވެ.
މޯލްޑިވިއަންއަކީ ސީޕްލޭން، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރާ، އަހަރަކު އެއް މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދޭ ކުންފުންޏެކެވެ. މި ކުންފުނިން 16 އެއާޕޯޓަކަށް ދަތުރުކުރާއިރު، 4 އެއާޕޯޓެއް ހިންގައެވެ. އަދި ރާއްޖެއަށް އަންނަ 90 ޕަސެންޓް އެއާލައިންތަކަށް ލައިން މެއިންޓަނަންސް ޚިދުމަތް ފޯރުކޮށްދެއެވެ.

