ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ރ. ހުޅުދުއްފާރަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުދުއްފާރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން، ރައްޔިތުންނާ ބައްދަލުވުމަށް ބާއްވާ ބައްދަލުވުމުގެ ތެރެއިން އެރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ޤާއިމުކުރާ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާއި ހަވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުދުއްފާރުގައި އޭޓީއެމް ޤާއިމުކުރުމާއި ބެހޭގޮތުން އެމްއައިބީއާއި ހުޅުދުއްފާރު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުޅުދުއްފާރަށްފަހު މިއަދު ދެން ވަޑައިގަންނަވާނީ ރ. މަޑުއްވަރީއަށެވެ. ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެކަމަށް ވަނީ އިޢުލާނުކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޢަމާޒަކީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

