މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް އެ ކޮމިޝަނުގެ ކުރީގެ މެންބަރު، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބްދުﷲ އައްޔަންކޮށްފިއެވެ.
ބްރޯޑްކޮމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ދެ ބޭފުޅުން މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދު (ހޯމަ) އެވެ. މި ދެ ބޭފުޅުން އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މަޖިލީހުގައި ނެގުނު ވޯޓުގައި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފާސްވެފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި މުޙައްމަދު އަބްދުﷲ އައްޔަންކުރަން ފާސްވެފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
ބްރޯޑްކޮމްގެ މި ދެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ހަމަވުމާ ގުޅިގެންނެވެ. މި ދެ މަޤާމަށް މީހުން ހޯދުމަށް ހުޅުވާލުމުން ޖުމްލަ 12 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

