ރާއްޖޭގެ ހުރިހާ ސްކޫލެއް އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ބޭނުންކޮށްގެން އޭސީކުރުމުގެ މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ އިއްޔެ ރ. ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވި ގޮތުގގޮތުގައި، ހުޅުދުއްފާރުގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތަކާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށާއި އައު މަޝްރޫޢުތައް ފެށުމަށް މިއަހަރު ބާރު ސްޕީޑުގައި މަސައްކަތްކުރައްވާނެއެވެ. އަދި ކުރީގެ ސަރުކާރުން ފަށައި ހުއްޓިފައިވާ މަޝްރޫޢުތަކަށްވެސް ހައްލު ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ބޮޑުހިލަ ނުލިބުމުގެ ސަބަބުން ހުއްޓިފައިވާ މައްސަލައަށް ހައްލު ހޯދިފައިވާ ކަމަށާއި، ބަނދަރުގެ މަރާމާތާއި ބޭރުތޮށި ބޭނުންކުރެވޭގޮތަށް ހެދުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުދުއްފާރު ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް 12 ކްލާސްރޫމް އިތުރުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށާއި، އޮފީސް ޖާގަ އިތުރުކޮށް އެހެނިހެން ވަސީލަތްތައްވެސް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި ފީފާ ފެންވަރުގެ ފުޓުބޯޅަ ދަނޑަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު މަރުކަޒެއް އެޅުމުގެ މަޝްރޫޢުތަކާއި، ދަނާލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

