ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ރ. ހުޅުދުއްފާރުގައި އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށަށް ދަނާލެއް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، މަގު ހެދުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، ބަނދަރުގެ ބޭރުތޮށި ބޭނުން ކުރެވޭ ގޮތަށް ހައްދަވައިދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންނެވިއެވެ.
ރަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި އަސާސީ ވަޞީލަތްތައް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އެ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމު ކުރުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލުން ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

