ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، އެންމެ ފުރަތަމަ ބިންގާ ރ. މަޑުއްވަރީގައި އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މި އިމާރާތަކީ 2 ފަންގިފިލާގެ އިމާރާތެއް ކަމަށްވެފައި، މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކުރެވުނު 55 ކައުންސިލް އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. މިހާރު ބޭނުން ކުރަމުންދާ އިމާރާތަކީ ކަތީބުންގެ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ، ޖާގައިގެ ގޮތުން ވަރަށް ދަތި އިމާރާތެއްކަން ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤް ވަނީ ފާހަގަ ކުރައްވާފައެވެ.

މަޑުއްވަރީ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ސިޓީތަކާއި އިދާރީ ދާއިރާތަކާބެހޭވުޒާރާ
އައު އިމާރާތް ނިމުމުން ޖާގައިގެ މައްސަލަ ހައްލުވެގެންދާއިރު އައު އިމާރާތުގައި ކޮންފަރެންސް ހޯލާއި، ކައުންސިލަރުންގެ ވަކި މަސައްކަތު ޖާގަތަކާއި، އިދާރީ ވަކިވަކި ޔުނިޓްތައް ހިމެނޭނެއެވެ. މީގެ އިތުރުން ކޮންފަރެންސް ހޯލް ކުއްޔަށް ދިނުމުގެ ތެރެއިން ކައުންސިލަށް އާމްދަނީ ލިބޭނެ މަގުވެސް ތަނަވަސް ވެގެންދާނެ އެވެ.
ސަރުކާރުން މިހާތަނަށް 105 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް އިޢުލާނުކޮށް، އޭގެ ތެރެއިން 55 ރަށުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވެއެވެ. މި މަޝްރޫޢު ނިމުމުން ގާތްގަނޑަކަށް 70 ޕަސެންޓް ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

