ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ އައު ރައީސާއަކަށް ޞަފާ ޝަފީގް މިއަދު އައްޔަންކޮށްފިއެވެ. މި މަޤާމަށް ޞަފާ އިންތިޚާބުކޮށްފައިވަނީ މިއަދު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
ބްރޯޑްކޮމްގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ރައީސާ މަރިޔަމް ވަހީދާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޞަފާ ޝަފީގް ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ޞަފާ ޝަފީގަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ އަދި ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅުއްވަން ފައްޓަވާފައެވެ.
މިހާރު ބްރޯޑްކޮމްގައި ތިއްބެވި މެންބަރުންގެ ތެރޭގައި އަލަށް އައްޔަންކުރެވުނު އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތު، މުޙައްމަދު ޢަބްދުﷲ، ރައީސް ޞަފާ ޝަފީގް، ނައިބު ރައީސް މުޙައްމަދު ފަޒީން، އާމިނަތު އަމީނާ އަދި ޝިފްލާ އިބްރާހީމް ހިމެނެއެވެ.

