ރާއްޖޭގެ ހުރިހާ ހިސާބަކަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން އިފްތިތާހުކުރި މަޝްރޫޢުގެ ދަށުން ރ. ރަސްމާދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓަން އެރަށު ކައުންސިލާ މިއަދު ހަވާލުކޮށްފިއެވެ.
އެރަށުގައި ބީއެމްއެލް އޭޓީއެމް ބަހައްޓަން ރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރަސްމާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަނެވެ.
މި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވާއިރު، މިވަގުތު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ގާއިމުކުރެވިފައިވެއެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ ބީއެމްއެލްގެ އަމާޒެކެވެ.
ރަސްމާދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ގާއިމްކުރަން ކައުންސިލާ ހަވާލުކުރި އިރު، ރ. އަތޮޅުގެ އިތުރު ރަށްތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިގޮތުން އެ އަތޮޅުގެ ހުޅުދުއްފާރު، އަނގޮޅިތީމު، ވާދޫ އަދި ރަސްގެތީމުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓަން އެ ރަށްރަށުގެ ކައުންސިލްތަކާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

