ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކުރި ގޮތުގައި މާދަމާ މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މިގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވެނީ ނިކަގަސް މަގު، ގުމްރީ ގޯޅި އަދި ޗާންދަނީ މަގު ހިމެނޭ ސަރަހައްދުތަކުންނެވެ.
ސްޓެލްކޯއިން ބުނީ މާދަމާ މެންދުރުފަހު 2:00 އާއި 4:00 އާ ދެމެދު މި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ. މިއީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި މިމަހުގެ 9 ވަނަ ދުވަހުވެސް ވަނީ މާލެ އާއި ހުޅުމާލޭގައި މިފަދަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އޭރު އެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށްޓަކައެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދިފައެވެ. އަދި މި މަސައްކަތްތަކަކީ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ބުނެފައިވެއެވެ.

