މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިރޭ އިންނަމާދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިންނަމާދޫއަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާއާ ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.
އިންނަމާދޫއަކީ ރ. އަތޮޅަށް އެމަނިކުފާނު ފައްޓަވާފައިވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 8 ވަނަ ރަށެވެ. މި ދަތުރުފުޅުގެ ތެރެއިން ރ. އަތޮޅުން މިހާތަނަށް ވަޑައިގެންނެވި ރަށްތަކަކީ ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، އުނގޫފާރު، ހުޅުދުއްފާރު، މަޑުއްވަރީ، ރަސްމާދޫ އަދި އިންނަމާދޫއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު އެމަނިކުފާނު ފެއްޓެވީ އިއްޔެއެވެ. އިއްޔެވެސް 4 ރަށަކަށް ވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެއަތޮޅުގެ ޖުމްލަ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެންބަރުންނާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވަމުންނެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އެމަނިކުފާނު ރަށްރަށަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ވަޢުދުފުޅުތައް ތަންފީޒުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުންނެވެ.
ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

