ރޭ ފަތިހުމާލޭގެ މަޖީދީ މަގުގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި މި ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 19 ބިދޭސީންނެވެ.
އެންޑީއެމްއޭ އިން އިތުރަށް ހާމަކުރިގޮތުގައި މިހާތަނަށް 5 ގޭބިސީއެއްގެ 14 ދިވެހިންނާއި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދެމުން ގެންދެއެވެ. އަދި ބިދޭސީ އެއް ޢާއިލާ އަމިއްާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައިވާ ކަމަށާއި، 11 ބިދޭސީންނަށް އެމީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނާގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކުރެވުނީ ރޭ ފަތިހު 4:20 ހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ފަތިހު 5:27 ހާއިރު ކަމަށާއި، އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފްއިން ހާމަކުރިއެވެ.
އެމްއެންޑީއެފްގެ މާލެ ފަޔަރ ސްޓޭޝަންގެ އޮފިސަރ ކޮމާންޑަރ، ލެފްޓިނެންޓް އަޙްމަދު ފިރުޝާން ވިދާޅުވިގޮތުގައި އަލިފާން ރޯވީ މއ. ސްޕްރިންގް ރިވާ ގޭގެ 1 ވަނަ ފަންގިފިލާގައި ހުންނަ ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

