ޗައިނާއާއި ރާއްޖެއާ ދެމެދު ފަށާފައިވާ މޯލްޑިވިއަންގެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ އެއަރލައިނުން މިއަދު ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލު ކަމުގައިވާ ޗެންޑޫއިން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އައިސްފައެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު އައި ފުރަތަމަ ފްލައިޓުގައި ޖުމްލަ 192 މީހުން ރާއްޖެ އައިސްފައިވެއެވެ.
މީގެ ތެރެއިން 172 މީހުންނަކީ ފަތުރުވެރިންނެވެ. މީގެ އިތުރުން، މި ފްލައިޓުގައި 10 ޓަނުގެ ކާގޯވެސް ގެނެވިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މި ފްލައިޓުން އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔުނެވެ. މި ހަފްލާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް ވިދާޅުވި ގޮތުގައި، މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
އޭނާ ވިދާޅުވީ ޗައިނާ މާކެޓުން އެކަނިވެސް މި ދަތުރުތަކާ އެކު އަހަރަކު 40,000 ފަތުރުވެރިން އަންނާނެ ކަމަށެވެ. މިދިޔަ އަހަރު ޗައިނާ މާކެޓުން 270,000 ވަރަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފަށާފައިވާއިރު، ދެވަނަ ދަތުރު ބެއިޖިންގ އަށް މި މަހުގެ 24 ވަނަ ދުވަހު ކުރާނެ ކަމަށާއި، ޝެންހާއިއަށް 27 ވަނަ ދުވަހު ދަތުރުކުރާނެ ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.
"މިދިޔަ އަހަރު އެކަނިވެސް ޗައިނާ މާކެޓުން 270،000 ވަރަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވޭ. މޯލްޑިވިއަންއިން ވިދާޅުވެފައިވަނީ މި ދަތުރުތަކާއިއެކު 40،000 ފަތުރުވެރިން އަހަރެއް މައްޗަށް ގެނެވޭނެ ކަމަށް. މީގެ އިތުރުން ޔޫރަޕަށް ދަތުރު ފެށުމަށް އިތުރު ބޯޓެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައި. މިއީ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް، ލިބުނު ކުރިއެރުމެއް " ވަޒީރު ފައިސަލް
މޯލްޑިވިއަންގެ ވައިޑް- ބޮޑީ އެއަރކްރާފްޓުގެ ދަތުރުތައް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

