މޫސުން ގޯސްވެ އުތުރާއި މެދުރައްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. އެގޮތުން ރީނދޫ ސަމާލު ނެރެފައި ވަނީ ށ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ.
2025 ޖަނަވަރީ 23 ވަނަ ދުވަހުގެ ހެނދުނު 10:45 އިން ފެށިގެން މެންދުރު 14:30 އާ ހަމަޔަށް މެޓުން ރީނދޫ ސަމާލު ނެރެފައިވާއިރު މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓުން ލަފާކުރެއެެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ. މި މުއްދަތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިއްސާރަ އަލިކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހު ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

